Select the dropdown below to browse programmes by category.
ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) މިސްޓަރ ވަސީމް އަކުރަމް ތަޢާރަފްވެވަޑައިގަތުމުގެ ޒިޔާރަތެއް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ( ސީ އެސް ޓީ އައި) އަށް 14 މާރިޗް 2019 ވީ ބުރާސްފަތި ދުވަހު ކުރައްވަވައިފިއެވެ.
އެމަނިކުފާނު ސީއެސްޓީ އައިގެ އިމާރާތަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި މެންބަރ އަލްއުސްތާޒް ޒަކަރިއްޔާ ހުސެއިނާއި އަދި ޑިރެކްޓަރ ފާތުމަތު ހަބީބާއެވެ. ސަފީރުގެ މި ޒިޔާރަތުގައި އިންސްޓިޓިއުޓް ގެ ކުލާސްތަކާއި ދެމުންދާ ޚިދްމަތްތައް ހުރިނެތްގޮތްބައްލަވާ ލައްވަވައި އަދި އިންސްޓިޓިއުޓްގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.
ޕާކިސްތާނުން 2017 ވަނަ އަހަރުވަނީ އިންސްޓިޓިއުޓަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވަވާފައެވެ. ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތް އާމިރާ ވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމުގައި އިންސްޓިޓިއުޓް ތަރައްޤީ ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ސަފީރު ސާފު ކުރައްވަވައި، މުސްތަގްބަލުގައިވެސް އިންސްޓިޓިއުޓް ގެ ކަންކަން ކުރިއެރުވުމަށް އެހީތެރިވެދެއްވަވާނެކަމުގައި ދެންނެވިއެވެ.
މި ޒިޔާރަތުގައި ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ސީ އެސްޓީ އައި އަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވަވައި ކޮމިޝަނުގެ ރައީސް ސަފީރަށް ޝުކުރުއަދާކުރެއްވެވިއެވެ.