Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2019 ވަނަ އަހަރުގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތު މިއަދު (31 ޖަނަވަރީ 2019) ވީ ބުދަ ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބާއްވައިފިއެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ އިންޓޭކްގައި ދިގު މުއްދަތުގެ 3 ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހާއި، ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހުގެ އިތުރުން ޕްރީ-ޑިޕްލޮމާ ޕްރޮގްރާމެކެވެ.
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަކީ ސިވިލް ސަރވިސްގެ އިސް ފަންތީގައި ގައި ދިގުމުއްދަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިންގުމުގެ ހުނަރު ތަރައްޤީކޮށް ޒަމާނީ ޤާބިލްކަން މަސައްކަތުގެ މާޙައުލަށް ގެނައުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މި ކޯސް ތައްޔާރު ކޮށްދީފައިވަނީ ސިންގަޕޫރުގެ މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓްއިންނެވެ.
ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހަކީ އިދާރާތަކުގައި ޕްރޮޖެކްޓްތަކާއި ގުޅުން ހުރި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ހުނަރު އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ.
ޕްރީ-ޑިޕްލޮމާ ކޯހަކީ 16 ހަފްތާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަށް މުވައްޒަފުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ. ޑރ. އަލީ ޝަމީމް ވަނީ އުނގެނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ ފާތިމަތު އާމިރާ ވަނީ ހާޟިރީ އާއި ގަޑިއަށް ފަރުވާތެރިވުމުގެ މުހިއްމު ކަމުގެ މަށްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނާއި އިންސްޓިޓިއުޓްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
2019 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގެ އިތުރުން ދިގު މުއްދަތުގެ އިތުރު ކޯސްތަކާއި ކުރު މުއްދަތުގެ ގިނަ ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.