Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި 2018 ވަނަ އަހަރު ހިންގުނު ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު 21 ނޮވެމްބަރ 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓްގައި 2018 ވަނަ އަހަރު ހިންގުނު ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ކޯހާއި "ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން" ކޯހުގެ 3 ބެޗާއި، "ސެޓްފިކެޓް 3 އެކައުންޓިންގ އެންޑް ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަން" ކޯހާއި "އިންގްލިޝް ލޭންގުއޭޖް ޕްރެފެޝަންސީ ފޯރ އެކްޒެކެޓިވްސް" ކޯހުގެ އިތުރުން "ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމުގެ" 2 ބެޗްގެ ދަސްވެނިވި ދަރިވަރުންނަށް ވަނީ ސަނަދު ދެވިފައެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލާ ޝިފާ މުހައްމަދު އެވެ. ޝަރަފުވެރި މެހުމާނުގެ ވާހަފުޅުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެ އަވަސް ޚިދުމަތެއް ހިނިތުންވެ ތިބެ ރައްޔިތުންނަށް ފޯރުކޮށްދީ ނަޒާހަތްތެރިކަމާއެކު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ މައްޗަށް އަލިއަޅުއްވާލައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޝަރަފުވެރި މެހުމާނުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވަނީ ސިވިލް ސަރވިސްއަށް ހުރި ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައިވައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާއިރު ނަޒާހަތްތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތުމަތު ހަބީބާ ވަނީ 2018 ވަނަ އަހަރު ކުރިޔަށްގެން ގޮސްފައިވާ ފަހަގަކޮށްލެވޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިންސްޓިޓިއުޓުން ހޯދާފައިވާ ކުރިއެރުންތައް ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން މި ހަފްލާގައި ސީއެސްޓީއައިގެ ޓްރެއިނިންގް ޑައިރެކްޓްރީ 2019 އިފްތިތާޙްކުރުމާއި ސީއެސްޓީއައިގެ ނިއުސްލެޓަރ “ބަޒް”ގެ ސްޕެޝަލް އެޑިޝަން ނެރުންވެސް ކުރިޔަށްދިޔައެވެ. މިގޮތުން ސީއެސްޓީއައިގެ ޓްރެއިނިންގ ޑައިރެކްޓަރީ ނެރެދެއްވީ ހަފްލާގެ ޝަރަފްވެރި މެހުމާން މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދެވެ. ނިއުސްލެޓަރ ނެރެދެއްވީ ކޮމިޝަނުގެ މެންބަރު ޒަކަރިއްޔާ ޙުސައިންއެވެ.
މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ތަފާތު ދާއިރާތަކުން ކުރު އަދި ދިގު މުއްދަތުގެ ކޯސްތައް އިންސްޓިޓިއުޓުން އަންނަނީ ހިންގަމުންނެވެ.
2018 ވަނަ އިންސްޓިޓިއުޓްގައި ހިންގުނު ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ޖުމްލަ 155 ދަރިވަރުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.