Select the dropdown below to browse programmes by category.
ހދ. އަތޮޅު ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓް އާ ދެމެދު ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން އެ އަތޮޅު ކުޅުދުއްފުށީގައި ހިންގުނު ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު 2018 ސެޕްޓެމްބަރ 14 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
މިއީ ހދ. އަތޮޅުގައި ކުރިއަށް ގެންދެވުނު މި ކޯހުގެ 3 ވަނަ ބެޗެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނާއި ހދ. އަތޮޅު އަދި ރަށު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި، ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަކީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭ ފަރާތްތަކަށް ވާ އިރު އެ ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، މުވައްޒަފުންގެ ހުނަރަާއި ޤާބިލްކަން އިތުރުކޮށް ތަމްރީނުވާން ޖެހޭނެކަމަަށެވެ. އަދި ބަވަނަވަމުން އަންނަ މި ދުނިޔޭގައި އިލްމު އުނގެނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައި، އުގެނުމަށް ލިބޭ މިފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގޮވާލެއްވިއެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
މި ކޯސް ފުރިހަމަކުރެއްވި 16 ފަރާތަކަށް މި ރަސްމިއްޔާތުގައި ވަނީ ސަނަދު ދެއްވާފައެވެ.