Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ގެ ފަރާތުން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ތަރައްގީކުރުމުގެ މަގްސަދުގައި 2014 އިން ފެށިގެން ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްގެ 3 ވަނަ ކޮންފަރެންސް 2018 އެޕްރީލް 14 އިން 15 އަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކުގެ އިތުރުން ދައުލަތު މުއައްސަސާތަކުގެ އިސްފަންތީގައި މަސައްކަތްކުރާ 180 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އަދި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް އަލިއަޅުވާލައި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވާލައި ޖުމްލަ 10 ކަރުދާހެއް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.
މި އަހަރަކީ ދިވެހި ސިވިލް ސަރިވސް އަށް 10 އަހަރު ފުރޭ މުނާސަބު އަހަރުކަމަށްވުމާއެކު، ސިވިލް ސަރވިސްއާއި މެދު ރައްޔިތުން ދެކޭގޮތް ދެނަގަތުމަށްޓަކައި ކުރެވިފައިވާ ސަރވޭގެ ނަތީޖާވެސް މި ކޮންފަރެންސްގެ ޕޭޕަރެއްގެ ގޮތުގައި ކޮމިޝަނުގެ ފަރާތުން ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. ސިވިލް ސަރވިސްގެ އިންތިޒާމުތަކާއި އެކަށައެޅިފައިވާ ނިޒާމުތައް ދިރާސާކުރުމާއެކު އެކަންކަން މުރާޖަޢާކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2 ދުވަހުގެ މި ކޮންފަރެންސްގައި ހުށެހެޅޭ ކަރުދާސްތަކުގެ އަލީގައި، ކުރެވޭ މަޝްވަރާތަކަށްފަހު ކުރިމަގަށް އެކަންކަމުގައި ކުރިއަށްދާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެއެވެ. އެއާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަމުގެ ހެޔޮ އަސަރު ފުރިހަމަ މާނައިގައި ފެނިގެންދާނެއެވެ.