Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގޯނާއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހާއްސަ ސެޝަނެއް މިއަދު، 16 ސެޕްޓެންބަރު 2020 ގައި ބާއްވައިފިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލައިގެން "އެތިކަލް ކަލްޗަރސް ފޯރ ސެލްފް-ޓްރާންސެންޑިންގ ވެލިއުސް" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރު އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އެމްބެސަޑަރ އަދި ވިލިޖޯލީގެ ޗީފް ވޮލެންޓިއަރ އަލްފާޟިލް މުހައްމަދު ޝިހާބު އާއި ފެމެލީ ލީގަލް ކްލިނިކްގެ ލޯޔަރ، ކޯ-ފައުންޑަރ، ކޯ-ޗެއަރޕަރސަން އަދި ރިޒާ އެންޑް ކޯ.އެލް.އެލް.ޕީ ގެ މެނޭޖިންގ ޕާރޓްނަރ އަލްއުސްތާޒާ ހައްވާ ޝަފީއާ ރިޒާ އެވެ. މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ ކުރީގެ ޓީވީ ޕްރެޒެންޓަރ އަލްފާޟިލާ ސޮފާ ޝަފީގެވެ.
މި ސެޝަންގައި މަސައްކަތު މާހައުލުގައި މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ އަހުލާގީ މިންގަނޑުތަކާއި އެ މިންގަނޑުތަކުގެ އެހީގައި މަސައްކަތު މާހައުލު ބައްޓަންކޮށް، ނަތީޖާ ހާސިލްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ސްޕަވައިޒަރުންނާއި މުވައްޒަފުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ގޫގުލް މީޓް، ފޭސް ބުކް އަދި ޔޫޓިއުބް އިން ލައިވްކުރެވުނު މި ސެޝަންގައި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލް ގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އާއްމުކޮށް ހުޅުވާލެވިގެން އޮންލައިންކޮށް ބޭއްވުނު 5 ވަނަ ސެޝަނެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް މިފަދަ ގިނަ ސެޝަންތައް ބޭއްވުމުގެ މަސައްކަތް މި އިންސްޓިިއުޓުން އަންނަނީ ކުރަމުންނެވެ.