Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ދަރިވަރުންގެ އިސްނެންގެވުމަކަށް މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ލޭހަދިޔާ ކުރުމުގެ ކޭމްޕެއް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި މިއަދު ބާއްވައިފިއެވެ.
މި ކޭމްޕް އިފްތިތާހުކޮށްދެއްވީ 2018 ވަނަ އަހަރުގެ ޤައުމީ އެތްލެޓިކްސް މުބާރާތަުގެ އެންމެމޮޅު ދުވުންތެރިޔާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯޕްރަލް ހުސައިން ފަޒީލް ހާރޫން އެވެ. މި ކޭމްޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޒީލްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯޝިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަަޓްރިކްސް ޑރ. އަހުމަދު އުމަރު ވަނީ ކޭމްޕުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މި ބޭފުޅުން ވަނީ ލޭ ހަދިޔާކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފެއެވެ.
މި ކޭޮމްޕުގައި ބްލަޑް ސަރވިސަސްގެ ފަރާތުން ވަނީ ރާއްޖޭގައި ލެޔަށް ބޭނުންވާ މީހުން ގިނަކަން ފާހަގަކޮށް އެކަށީގެންވާ ގޮތެއްގައި ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ލެޔަށް އެދުމުގެ ކުރިން ލޭ ހަދިޔާކުރެއްވުމަށް، ކޭމްޕުގެ ބައިވެރިންގެ ކިބައިން އެދިފައެވެ. މިގޮތުން ގަވާއިދުން ލޭ ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ލޭ ހަދިޔާކުރުމުގެ ިއންތިޒާމް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި ހަމަޖެހިފައިވާ ކަމުގައި ދެންނެވިއެވެ.
ލޭ ހަދިޔާކުރުމުގެ އިތުރުން މިއަދަކީ ބައިނަލް އަޤްވާމީ ހަކުރުބަލީގެ ދުވަސްކަމުން މި ދުވަހުގެ މުނާޞަބާއާ ގުޅުވައިގެން ހަކުރު ބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރުބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއްވެސް މިއަދުގެ ލޭ ހަދިޔާކުރުމުގެ އިވެންޓާއެކު ކުރިޔަށް ދިޔައެވެ.
ސިވިލް ސަރިވސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބޭއްވުނު މި ކޭމްޕުގައި 40 އަށް ވުރެ ގިނަ ފަރާތްތައް ވަނީ ލޭ ހަދިޔާ ކުރައްވާފައެވެ. މިއީ މި އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ބޭއްވި މިފަދަ 2 ވަނަ ލޭ ހަދިޔާކުރުމުގެ ކޭމްޕެވެ. މި ކޭމްޕްގެ މެއިން ސްޕޮންސަރ އަކީ އެލިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އެވެ.