Select the dropdown below to browse programmes by category.
"ސްޓްރެޓީޖިކް ލީޑަރޝިޕް؛ ބެލްޓު އެންޑް ރޯޑު އިނިޝިއޭޓިވް" ނަމުގައި ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. 18 ޖުލައި 2018 ގައި ބޭއްވުނު މި ލެކްޗަރ ނަންގަވައިދެއްވީ ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރ ޑރ. ސޫ ޕެންގްފެއި އެވެ.
މި ލެކްޗަރ ގައި ޗައިނާއާ ދިވެހި ރާއްޖެއަކީ ވަރަށް ކުރީޒަމާނުއްސުރެ ގުޅުން އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، 14 ވަނަ ގަރުނާ ހިސާބުގައި ވެސް ޗައިނާއާ ރާއްޖެއާ ދެމެދު ގުޅުންތައް އޮތްކަމުގެ ހެކިތައް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ޚާއްޞަގޮތެއްގައި ޗައިނާގެ ސިލްކް ރޫޓު މަޝްރޫއުގެ ބައިވެރިއެއްކަމުން ރާއްޖެއަށް ގިނަގުނަ ފައިދާތައް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ޗައިނާ ސަރުކާރުން ރާއްޖޭގައި އަޅަމުންދާ ފްލެޓްތަކާއި އަދި ކޮންމެ އަހަރަކު ޗައިނާއިން ރާއްޖެއަށް ދެމުންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއި ސްކޯލަރޝިޕް ފުރުޞަތުތައް ހިމެނޭކަން ޕްރޮފެސަރ ފާހަގަކުރެއްވިއެވެ. ޕްރޮފެސަރުގެ ވާހަކަފުޅުގައި ޗައިނާ ސިލްކް ރޯޑުގެ ތާރީޚާއި އަދި މިހާރު ސިލްކް ރޯޑު މަޝްރޫއުގެ ދަށުން އެކި ޤައުމުތައް ގުޅާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.
80 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ލެކްޗަރއަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކޮންމެ އަހަރަކުން ބާއްވަމުން އަންނަ ޕަބްލިކް ލެކްޗަރ ސީރީޒްގެ ދަށުން މި އަހަރު ބޭއްވުނު 4 ވަނަ ޕަބްލިކް ލެކްޗަރ އެވެ.