Select the dropdown below to browse programmes by category.
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން 8 މާރޗް 2016 ވީ ބުރާސްފަތި ދުވަހު "އެމްޕަވަރިންގ ވިމެން-ޕްރެސް ފޯ ޕްރޮގްރެސް" ގެ ނަމުގައި ސެޝަންއެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައި ބޭއްވުނު މި ސެޝަން ނަންގަވައިދެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮމްޕެނީސް އޮފް ރެޖިސްޓަރ އަލްފާޟިލާ އާމިނަތު ވީސާމް, ގާލްގައިޑް މޯލްޑިވްސްގެ ޗީފް އޮފް ކޮމިޝަނަރ އަލްފާޟިލާ ނިޢުމަތު ޝަފީގް، އޯނާރ އޮފް ޓްރެއިން ވިތް ކައި ގެ ފައުންޑަރ މެންބަރ އަލްފާޟިލާ އާމިނަތު ތޯރިގާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕރިންޑެންޓް އޮފް ޕޮލިސް އަލްފާޟިލް އަހުމަދު ޝިފާންއެވެ.
ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އަންހެން ކަނބަލުންގެ ކުރިއެރުމަށް އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަމަށާ ނަމަވެސް ކުރިއާއި އަޅާބަލާއިރު އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން ކުރިއެރުންތަކެއް ވެސް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު އެންމެބޮަޑަށް މަސައްކަތް ކުރަންވީ ދެ ޖިންސައްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ އަންހެނުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުގައި އެހީތެރިވެދޭނެ ސަޕޯޓު ސިސްޓަމެއް ޤާއިމުކުރުން ކަން މަރިޔަމް ވިސާމު ފާހަގަކުރެއްވިއެވެ.
މި ސެޝަނުގައި ގާލްގައިޑު އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީގު ވާހަކަ ދައްކަވަމުން ވިދާޅުވީ އަންހެން ކަނބަލުން ކުރިޔަށް ދިއުމުގައި މިހާރު ރާއްޖޭގެ ހުރި ހުރަސްތަކަކީ ނުވަތަ ދަތިތަކަކީ ކަންކަމުގައި ދެކޭގޮތް ނުވަތަ ޤަބޫލުކުރެވިފައި އޮންނަ ޤަބޫލުކުރުންތަކެއްގެ ސަބަބުން ކުރިމަތިވާ ދަތިތައްކަން ފާހަގަކުރައްވާފައެވެ. ނިއުމަތު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގައި އަންހެނުންނަކީ އެތައް ކަމެއް އެއްފަހަރާ ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރި ބައެއްކަން ސާބިތުކޮށްދީފައިވާކަމަށާ، އެހެންކަމުން މިހާރުވެސް އެމީހެއްގެ އަމިއްލަ ހުރިހާ ކަމަކަށް ބޭނުންވާ ހުރިހާ ހުނަރެއް ހޯދައި އެ ކަންކަން ކުރުމަކީ އަންހެން ކަނބަލުންނަށް ކުރެވިދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ކައި ގެ ފައުންޑަރ އަދި އޯނަރު އާމިނަތު ޠާރިޤާ މި ސެޝަނުގައި ދެއްކެވި ވާހަކަފުޅުގައި، އަމިއްލަ ދިރިއުޅުއްވުމުން މިސާލު ނަންގަވައި ވިދާޅުވީ ހާޞިލުކުރަން ބޭނުންވާ ކަމަކަށް އަޒުމު ކަނޑައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އަދި ޚާއްޞަކޮށް ދަތިއުނދަގޫ މަަސައްކަތެއް ނަމަވެސް އުންމީދު ގެއްލުވައިނުލާ ކުރިޔަށް ގޮސްފިނަމަ ކާމިޔާބީއާ ހަމައަށް ވާޞިލުވުމަކީ އުނދަގޫ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.
މި ސެޝަނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕަރސަން އަޙުމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރޭގައި، ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާގައި އެންމެ ގިނައިން އަންހެން ބޭފުޅުން މަސައްކަތްކުރައްވާ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނަށް ކުރިޔަށްދިއުމުގައި، ރާއްޖޭގައި، ޤާނޫނާއި ޤަވާއިދުތަކުގެ ތެރޭން ފުރުޞަތުތައް ފަހިވެފައި އޮތް ނަމަވެސް އަމަލުން ވެސް އެކަން ފެންނަންޖެހޭކަން ޝިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ސެސަން ނިންމާލުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިންގި މި ހަރަކާތަށް ޕެނަލިސްޓުންނާއި އަދި އާންމު ފަރާތްތަކުން ދެއްވި ތަރުހީބު ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި އަންހެނުންގެ ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި މިހާތަނަށް މި ދާއިރާއިން ރާއްޖެއަށް ހޯދިފައިވާ ކާމިޔާބީގެ މައްޗަށް އަލި އަޅުވާލައްވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
މިސެޝަނުގެ ޕެނަލިސްޓުންނަށް އޯޑިއަންސުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސުވާލުކުރުމާއި ޖަވާބުދިނުމުގެ ސެޝަނެއް ވެސް ކުރިޔަށް ގެންދިޔައެވެ، އަދި ސެޝަނުގައި މަޢުލޫމާތު ދެއްވި ޕެނަލިސްޓުންނަށް ކޮމިޝަނުގެ ފަރާތުން ހަނދާނީ ލިއުމާއި ހަދިޔާއެއް އެރުވުންވެސް ކުރިޔަށްދިޔައެވެ.
ޖުމްލަ 80 އަށްވުރެ ގިނަ ފަރާތުން މިސެޝަންގައި ބައިވެރިވެފައިވެއެވެ.